Follow us on
ލިޔުންތެރިކަމުގެ ތާރީޚަށް ނަޒަރެއް
| މާޢިޒް މަޙްމޫދު ރަޝީދު

ލިޔުންތެރިކަމަކީ ގަދިމީޒަމާނުންސުރެ އިންސާނުންގެ ތެރޭގައި އޮތް ކަމެކެވެ. އަހަރެމެންގެ ކާބަފައިންވެސް އެމީހުންގެމާހައުލުން ފެނުނު އެއްޗެއްސާއި ކަންކަން ސިފަކޮށްދޭން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން މީގެ ދިހަހާސް އަހަރު ކުރީގައި ހޮހޮޅައިގައި ދިރިއުޅުނު މީހުން  އެމީހުންނަށް ފެނުނު އެއްޗެއްސާއި ކަންކަން ހޮހޮޅަ ތަކުގެ ބިތްތަކުގައި ރިކޯޑް ކޮށްފައި ވެއެވެ. އޭގެފަހުގެ ކުރެހުންތަކާއި ފަހުން އުފެދުނު އަކުރުތައް ހިލަ އާއި ގަލުގައި ބިންވަޅުނަގައިގެން ލިޔެފައި އެބަހުއްޓެވެ. އެއަށްފަހު ދެންލިޔެއުޅެފައިވަނީ ޖަނަވާރުގެ ހަމުގައްޔާއި ގަސްގަހުގެ ފަތާއި ތަނޑުން ހަދާފައިވާ ގަނޑު ތަކެއްގައެވެ. މިގޮތުން ގަދީމީ މިސުރު މީހުން މީގެ 3500 އަހަރު ކުރިން ޕެޕިރަސް ނަމަކަށް ކިޔޭ ގަހަކުން އުފެއްދި ގަނޑުތަކެއްގައި ލިޔެ އުޅުނު ކަމަށް ޢިލްމުވެރިން ފާހަގަ ކުރައްވައެވެ. މިގަނޑުތަކުގައި ލިޔެފައިވަނީ ކުރެހުން ތަކަކުން އެކުލަވާލައިފައިވާ ހެއިރޯގްލިފިކްސް ( ( hieroglyphics ނަމަކަށް ކިޔޭ އަކުރަކުންނެވެ.

އެންމެ ފުރަތަމަ އަކުރެއްގެ ސިފަގެނެސްގެން ލިޔުނީ މީގެ 5000 އެތައް އަހަރެއްގެ ކުރިން ދެކުނު މެސެޕޮޓޭ މިކިޔާ (މިހާރުގެ އިރާގު) ސަރަހައްދުގައި ދިރިއުޅުނު ހަޟާރަތެއްގެ ބައެއްކަމަށްވާ  ސޫމޭރިޔަނުންނެވެ. މިމީހުން އީޖާދުކުރި ރައިޓިން ސިސްޓަމްގެ ނުފޫޒު އެސަރަހައްދުގެ ލިޔުންތަކަށް 3000 އަހަރު ވަންދެން  ފޯރުވި ކަމަށް ވެއެވެ. ސޫމޭރިއަނުން ލިޔެއުޅުނީ މަށިން ހަދާފައިވާ ފިލައެއްގައެވެ. މިމީހުން ބޭނުންކުރި އަކުރު ފަހުން މަޝްހޫރުވެފައިވަނީ ކިއުނިފޯމް  ( cuneiform ) ނަމުންނެވެ.

އިންސާނުން އަނގައިން ނެރޭ އަޑުތަކަށް ވަކިއަކުރުތަކެއް އުފައްދައިގެން އެންމެފުރަތަމަ ބޭނުންކުރީ މީގެ 3000 އެތައް އަހރެއ ކުރިން ސީރިޔާގައި ދިރިއުޅުނު ފީނީޝިއަނުންނޭ ކިޔުނު ބައެކެކެވެ.

ލިޔުންތެރިކަން ކުރިއަރަމުން ގޮސް ލިޔުންތެރިކަމަށް އެންމެ ބޮޑު އިނަގިލާބެއްގެނައި ކަރުދާސް އެންމެފުރަތަމަ އުފެއްދީ މީލާދީން 105 ވަނަ އަހަރު ޗައިނާގައެވެ. ކަރުދާސް އުފެއްދުމާއި އާއްމު ވުމުގެ ސަބަބުން ލިޔުންތެރިކަން ފުޅާވެ މީހުންގެ ލިޔުންތަކާއި، ތަގުރީރުތައް ރިކޯޑްކުރެވި އެކިއެކި ގައުމުތަކަށް ފެތުރިގެން ދިޔައެވެ.

ކަރުދާސް އުފެއްދުމަށްފަހު ދެންއައީ ލިޔާނެ ގަލަމާއި ލިޔުންތައް ޗާޕުކުރާނެ ގޮތްތައް ހޯދުމުގެ ދުވަސްވަރެވެ. މިގޮތުން ލިޔުންތެރިކަމަށް އެންމެ ބޮޑު ފަސޭހައެއް ލިބިގެން ދިޔައީ މިޒަމާނުގައި މިބޭނުންކުރާކަހަލަ ދެލިއަޅާގަލަމެއް 1884 ގައި އެމެރިކާގެ ރައްޔިތަކު ވުޖޫދަށް ނެރުނު ހިސާބުންނެވެ. މިހާރު މިބޭނުންކުރާކަހަލަ ހީރަސްޖަހާފައިވާ ފޮތް 1116 ވަނަ އަހަރު ޗައިނާގައި އުފެއްދިއެވެ. މިކަމުގެ ސަބަބުން ޔުރަޕާއި އެނޫން ސަރަހައްދުތަކަށް ލިޔުންތެރިކަން އާއްމުވާން ފަށައިފައި ވެއެވެ. ލިޔުންތެރިކަން ފުޅާވެ މުޅިދުނިޔެއަށް ފެތުރި މީހުން އެކަމަށްދޭ ޝައުގުވެރިކަން އިތުރު ވެގެން ދިޔައީ މީލާދީން 15 ވަނަ ގަރުނުގައި ޗާޕު މެޝިނެއް އުފެއްދުމުންނެވެ.

ޚިޔާލު ފާޅުކުރައްވާ